Skip to content Skip to footer

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށްގެންދިޔަ ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީން ޕުރޮގުރާމު ކާމިޔާބުކަމާ އެކު ނިންމައިލައިފި

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ތަމްރީން ޕުރޮގުރާމު މި ފަހަރު ކުރިއަށްގެންދިޔައީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒަރާއަށެވެ. 

މި ކޯސް ކުރިއަށްގެންދިޔައީ 2025 އޮކްޓޫބަރ 5އިން 9އަށް، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. މި ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ބުރުތަކަކަށް ބަހައިލައިގެންނެވެ. އެ ގޮތުން، މި ފަހަރު ކުރިއަށްގެންދިޔައީ މީގެ ފުރަތަމަ ބުރެވެ. މިއިން ކޮންމެ ބުރެއްގައި ވެސް ކިޔަވައިދޭނީ 10ގަޑިއިރަށެވެ.  

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި، ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތްކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ. 

މި ކޯހުގައި ކިޔަވައިދެއްވީ މި އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދާރިސް އަލްފާޟިލް ޢަބްދުﷲ ޖަމީލާއި އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރެވެ. 

މި ތަމްރީނު ޕުރޮގުރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ހަފުލާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އެ ވުޒާރާގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.