Skip to content Skip to footer

އަދަބީ މުބާރާތްތަކަށް ދަރިވަރުން ތަމްރީނުކުރުމުގެ ދަންފަޅިތަކެއް ކުރިއަށްގެންގޮސްފި

2025ވަނަ އަހަރުގެ މި އެކެޑަމީން ބާއްވާ އަދަބީ ބައެއް މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެތަށްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތާ ގުޅިގެން ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ހޮނިހިރު ދުވަހު ބާއްވައިފިއެވެ.

 މި ގޮތުން  ހޮނިހިރު ދުވަހުގެ ހެނދުނު  10:00ން 12ށް ކުރިއަށްގެންދިޔައީ މަޒުމޫނުލިޔުމާ ގުޅޭ ދަންފަޅިއެވެ. މި ދަންފަޅީގައި 74 އަށް ވުރެ ގިނަ އިސްކޫލަކުން ބައިވެރިވެފައިވެއެވެ. މި ދަންފަޅި ނަންގަވައިދެއްވީ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ޢަބްދުއްރަޙީމާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދާރިސް އަލްފާޟިލް އަންވަރު އިބްރާހީމް އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ދިވެހި މުދައްރިސް އަލްފާޟިލާ ނާޒްލީ ރަޝާދެވެ.

 ވާހަކަ ލިޔުމުގެ ދަންފަޅި ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ 13:00ން 15:00ށެވެ. މި ދަންފަޅީގައި 86 އަށް ވުރެ ގިނަ އިސްކޫލަކުން ބައިވެރިވެފައިވެއެވެ. މި ދަންފަޅި ނަންގަވައިދެއްވީ ދިވެހި ފަންނުގެ އިސްވާރު އަލްފާޟިލާ މަރިޔަމް ޢިޝާ ޢަޒީޒެވެ. ޅެންހެދުމުގެ ދަންފަޅި ކުރިއަށްގެންގޮސްފައި ވަނީ 16:00ން 17:00ށެވެ. މި ދަންފަޅީގައި 50ށް ވުރެ ގިނަ އިސްކޫލަކުން ބައިވެރިވެފަވެއެވެ. މި ދަންފަޅި ނަންގަވައިދެއްވީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު އަޙްމަދެވެ.

މި މުބާރާތްތަކަކީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބާއްވާ މުބާރާތްތަކެކެވެ. މި މުބާރާތް ކުރިއަށް ދާނީ މުބާރާތުގައި ބައިވެރިވާ ބައިވެރިން ދިރިއުޅޭ ރަށެއްގައި، އެކެޑަމީން ކަނޑައަޅާ މަރުކަޒެއްގައި ވަގުތުން ލިޔެވޭ ގޮތަށެވެ.