Skip to content Skip to footer

މޯލްޑިވްސްމަނިޓަރީ އޮތޯރިޓީއާއިދިވެހިބަހުގެ އެކެޑަމީގުޅިގެން ކުރިއަށްގެންދިޔަ ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީން ޕުރޮގުރާމު ކާމިޔާބުކަމާ އެކު ނިންމައިލައިފި.

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ތަމްރީން ޕުރޮގުރާމު މި ފަހަރު ކުރިއަށްގެންދިޔައީ މޯލްޑިވްސް މަނިޓަރީއޮތޯރިޓީއަށެވެ.

މި ކޯސް ކުރިއަށްގެންދިޔައީ 2026 އެޕްރީލް 4އިން 9އަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައެވެ. މި ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ބުރުތަކަކަށް ބަހައިލައިގެންނެވެ. އެ ގޮތުން، މި ފަހަރު ކުރިއަށްގެންދިޔައީ މީގެ ފުރަތަމަ ބުރެވެ. މިއިން ކޮންމެ ބުރެއްގައި ވެސް ކިޔަވައިދޭނީ 15ގަޑިއިރަށެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި، ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތްކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތްކުރާނެ ގޮތްތަކެވެ.

މި ކޯހުގައި ކިޔަވައިދެއްވީ މި އެކެޑަމީގެ ބަހުގެ ބައިގެ ޑިރެކްޓަރ ޝަހުމާ ޢަލީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދާރިސް އަލްފާޟިލް ޢަބްދުﷲ ޖަމީލާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ އަލްފާޟިލް އަޝްރަފް ޢަލީއެވެ.

މި ތަމްރީނު ޕުރޮގުރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ. މި ހަފުލާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ އިތުރުން އެމް.އެމް.އޭގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީން ޕުރޮގުރާމްގެ ތެރެއިން.