ހއ. އުލިގަމުގެ އިދާރާތަކުގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީން ޕުރޮގުރާމު ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ.
މި ކޯސް ކުރިއަށްގެންދިޔައީ 2025 އޮކްޓޫބަރ 18އިން 20އަށް، އުލިގަމުގައެވެ. މި ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ބުރުތަކަކަށް ބަހައިލައިގެންނެވެ. އެ ގޮތުން، މި ފަހަރު ކުރިއަށްގެންދިޔައީ މީގެ ފުރަތަމަ ބުރެވެ. މިއިން ކޮންމެ ބުރެއްގައި ވެސް ކިޔަވައިދޭނީ 10ގަޑިއިރަށެވެ.

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ތަމްރީން ޕުރޮގުރާމު މި ފަހަރު ކުރިއަށްގެންދިޔައީ އުލިގަމުގެ އިދާރާތާކުގެ މުވައްޒަފުންނަށެވެ. އުލިގަމު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ މި ކޯހުގައި އުލިގަމުގެ އިދާރާތަކުން 37 މުވައްޒަފަކު ބައިވެރިވެ ސެޓިފިކެޓް ހާސިލްކޮށްފައިވެއެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި، ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތްކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ.
މި ކޯހުގައި ކިޔަވައިދެއްވީ މި އެކެޑަމީގެ ބަހުގެ ބެހޭ ބައިގެ ޑިރެކްޓަރ އަލްފާޟިލާ ޝަހުމާ ޢަލީ އާއި ލިންގުއިސްޓިކް ރިސާރޗް އޮފިސަރ އަލްފާޟިލާ ޢާއިޝަތު ޒިދުނާއެވެ.





