Skip to content Skip to footer

ދިވެސްއަކުރު ދަސްކޮށްދޭ ކޯސް ނިންމުމުގެ ރަސްމިއްޔާތު

މި އަހަރުގެ މެއި މަހުގެ 10އިން 21އަށް ކުރިއަށް ގެންދިޔަ ދިވެސްއަކުރު ކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ މެއި މަހުގެ 21ވީ ބުރާސްފަތި ދުވަހުގެ ރޭ ދިވެހި ޤައުމިއްޔަތުގެ އިސްވަރު މާލަމުގައެވެ. މި ރަސްމިއްޔާތުގައި ދިވެސްއަކުރު ކޯހުގައި ބައިވެރިވެ، ދިވެސްއަކުރުން ލިޔަންކިޔަން ދަސްވި ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވުން އޮތެވެ. މި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އޮނަރަބްލް ހީނާ ވަލީދެވެ. މި ކޯހުގައި  26 ފަރާތަކުން ބައިވެރިވިއެވެ. މީގެ ތެރެއިން ކޯސް ފުރިހަމަކޮށް، ހަނދާނީލިޔުން ހާޞިލުކޮށްފައި ވަނީ 14 ބައިވެރިއެކެވެ.

މި ރަސްމިއްޔާތު ފެށުނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ކިޔަވައިވިދާޅުވީ މި ކޯހުގެ އެއް މުދައްރިސާ އަލްޤާރިއާ ޚަދީޖާ ޙަސަން މަނިކެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އޮނަރަބްލް ހީނާ ވަލީދެވެ. މި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މި ފަދަ ކޯސްތަކަކީ ޤައުމުގެ ތާރީޚީ ކަންކަން ބަލައި، ހޯދުމަށް ވަރަށް މުހިއްމު ކޯސްތަކެއް ކަމަށެވެ. އަދި މި ފަދަ ކޯސްތައް މާލެ ނޫން ސަރަހައްދުތަކުގައި ވެސް ހިންގުން ބޭނުންތެރިކަމަށާއި، އެހެނިހެން ރަށްރަށުގައި ހިންގުމަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ދެއްވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދާއި ކޯހުގެ މުދައްރިސް އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރު ވާހަކަފުޅު ދެއްކެވިއެވެ. ކޯހުގެ ބައިވެރިއެއްގެ ގޮތުން ވާހަކަދެއްކެވީ އަލްފާޟިލް އިސްމާޢީލް ލަމްޢާން ދީދީއެވެ.