Skip to content Skip to footer

ޕްރީ ސްކޫލް މުދައްރިސުން ދިވެހި ތާރީޚަށް  ހޭލުންތެރިކުރުމުގެ މަސައްކަތުބައްދަލުވުމެއް ބާއްވައިފި 

ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދައަށް ހޭލުންތެރިކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީން ކުރިޔަށް ގެންދާ “ތުއްރަވާސް” ސިލްސިލާގެ ދަށުން ބާއްވާ 9ވަނަ މަސައްކަތުބައްދަލުވުން 2026 އެޕްރީލު 25ވާ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ. 

ރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކުގެ މައުލޫމާތު ހިއްސާކޮށް، ޕްރީ ސްކޫލް މުދައްރިސުން ދިވެހި ތާރީޚަށް ހޭލުންތެރިކުރުމަށް ޓަކައި، ބާއްވާ ބައްދަލުވުން މި އަހަރު ކުރިޔަށް ގެންދިޔައީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެންނެވެ.  

މި މަސައްކަތުބައްދަލުވުމުގައި 9 ސްކޫލަކުން 45 މުދައްރިސުން ބައިވެރިވެވަޑައިގެންފައިވެއެވެ. 

މި ބައްދަލުވުމުގައި މައުލޫމާތުދެވުނީ 9  މައުލޫއަކަށެވެ. މައުލޫތަކުގެ ތެރޭގައި ހިމެނޭނީ ތާރީޚީ ގޮތުން ފާހަގަކުރާ ދުވަސްތަކާއި އެ ދުވަސްތަކާ ގުޅޭ ރަސްރަސްކަލުންނާއި ދުވަސްތަކާ ގުޅޭ ބޭބޭފުޅުންގެ މައުލޫމާތުތަކެވެ. މި މަސައްކަތުބައްދަލުވުމުގައި މައުލޫމާތުތައް ދެއްވީ ޤައުމީ ޔުނިވަރސިޓީގެ އިސް ދާރިސް އަލްފާޟިލް މުޙައްމަދު ދީދީއާއި އަލްފާޟިލް ޙުސައިން ޞަލާޙް ޔޫސުފެވެ. މީގެ އިތުރުން ތާރީޚީ މައުލޫމާތުތަކުގެ މައްޗަށް ފޮތް ތައްޔާރުކުރުމުގައި، ބަލާނެ ކަންކަމާ ގުޅޭ ގޮތުން، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޢާމިރު އަޙްމަދު ބައިވެރިންނަށް މައުލޫމާތު ދެއްވިއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތާރީޚީ މައުލޫމާތުގެ ތަޖުރިބާކާރެއްކަމުގައި ޑޮކްޓަރ ރަޝީދާ މުޙައްމަދު ދީދީއެވެ.