Skip to content Skip to footer

2026ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް އައްޑޫ  ސިޓީގައި ފާހަގަކޮށްފި  

މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރީ އައްޑޫ ސިޓީގައެވެ. ފެބުރުވަރީ 13ން 14އަށް އައްޑޫ ސިޓީގައި ފާހަގަ ކުރެވުނީ 38ވަނަ ޅެންވެރީންގެ ދުވަހެވެ. މި ޅެންވެރީންގެ ދުވަސް ތަޚްޞީޞްކުރެވުނީ ސ. ހިތަދޫ، ކެމީ އަލްފާޟިލް ޙަސަން ލަބީބަށެވެ.  މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިއާރަކީ ” މަރުދޭށެވީ ޤައުމާ ވަޠަނާ ދީނަށް” އެވެ. މި ޝިއާރު ނަގައިފައި ވަނީ ޙަސަން ލަބީބުގެ ޅެމަކުންނެވެ.  

ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 13 ފެބުރުވަރީން 14 ފެބުރުވަރީއަށް ކުރިއަށްގެންދެވުނު ހަރަކާތްތައް ފޮތްމައުރަޒު 

        މި މައުރަޒަކީ ދިވެހިބަހުގެ އެކެޑަމީގެ ފޮތްފިހާރައިން ލިބެން ހުރި ފޮތްތައް ފަސޭހައިން ގަނެވޭނެ މަގުފަހިކޮށްދިނުމަށް ޓަކައި ބޭއްވި  މައުރަޒެކެވެ.  މި  މައުރަޒު ބޭއްވީ އައްޑޫ ސިޓީ ބޮނޑޮގޭގައި މި މަހުގެ 13 އަދި 14 އަށެވެ.  މި މައުރަޒުގައި ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި ތާރީޚީ އަދަބީ ފޮތްތަކާއި ވާހަކަ، ނާވިލު އަދި ތަފާތު މަޢުލޫމާތުތައް ލިބޭ ފޮތްތައް ވިއްކައިފައިވެއެވެ. ޚާއްސަކޮށް “ދިވެހިބަހުގެ ގަވައިދު 1،2،3،4″އާއި “ބަހުގެ ހަމައިގެ އަތްމަތީ ފޮތް”، “ފަހުބަސް”، “ޖަމީލުގެ ޑްރާމާތައް”، އަދި ކިޔަވާ ކުދިންނަށް ގިނަ މައުލޫމާތުތަކެއް ލިއްބައިދޭ “ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން” އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިބެންހުއްޓެވެ.  މި މައުރަޒުގައި ފޮތް ވިއްކައިފައިވަނީ އާންމުކޮށް ދިވެހިބަހުގެ އެކެޑަމީން ފޮތް ވިއްކާ އަގުތަކަށް ވުރެ ހެޔޮ އަގެއްގައެވެ. މި މައުރަޒަށް އައްޑޫ ސިޓީން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.   

ޅެންވެރީންގެ ގުންޒަރު 

2026 ފެބުރުވަރީ 13 ވީ  ބުރާސްފަތި ދުވަހުގެ ރޭ 20:15ގައި އައްޑޫ ސިޓީ ހައިސްކޫލް ގޯތިތެރޭގައި ކުރިއަށްގެންދެވުނު މި ހަރަކާތަކީ ޅެންވެރީންގެ ތަފާތު ހުށައެޅުންތައް ހުށައަޅުއްވައިދެއްވި ހަރަކާތެކެވެ. މި ގުންޒަރު އިފްތިތާޙްކޮށްދެއްވައިފައިވަނީ ޅެންވެރީންގެ ދުވަސް ތަޚްޞީޞް ކުރެވިފައިވާ އަލްފާޟިލް ޙަސަން ލަބީބެވެ. މި ގުންޒަރުގައި  ޅެންވެރީންގެ  އަދަބީ ހުށަހެޅުންތައް ހުށައެޅުއްވިއެވެ. އެ ގޮތުން ޅެމާއި، ލަވަ ، ޅެންބަހުސް  ވެސް އޮތެވެ. ގިނަ އަދަދެއްގެ ޅެންވެރީން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

 ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ 

       ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ ކުރިއަށްދިޔައީ 2026 ފެބުރުވަރީ 14 ވީ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހައިސްކޫލުގެ ހޯލްގައެވެ. މި ޖަލްސާ ޚާއްސަ ކުރެވިފައިވަނީ މި އަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްޞީޞްކުރެވިފައިވާ ސ. ހިތަދޫ، ކެމީ އަލްފާޟިލް ޙަސަން ލަބީބަށެވެ. މި ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނެވެ.  ޅެންވެރީންނާއި އައްޑޫ ސިޓީގެ އިސްކޫލް ދަރިވަރުންނާއި ، މުއައްސަސާތަކާއި، އާންމުން ބައިވެރިވި މި ޖަލްސާގައި ޅެންވެރިޔާ ޙަސަން ލަބީބުގެ ޅެންފޮތް “ގުލޭނޫރަންމާ” ނެރެފައިވެއެވެ. އަދި ޅެންވެރީންގެ ދުވަސް ތަޚްޞީޞްކުރެވޭ ހަނދާނީ ފިލަޔާއި ދުވަހުގެ ހަނދާނީ ފިލާ އަލްފާޟިލް ޙަސަން ލަބީބަށް އަރުވައިފައިވެއެވެ. މި ޖަލްސާގައި ޅެންވެރީންގެ ދުވަހުގެ ޝުޢޫރު ފާޅުކުރެއްވުމާއި ދުވަހާ ގުޅޭ ލަވައެއް ހުށައެޅުއްވިއެވެ. 

1989ވަނަ އަހަރުން ފެށިގެން ސަރުކާރުން ގެންދަވަނީ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15ވަނަ ދުވަސް ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ. މި ދުވަސް ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ 1988ވަނަ އަހަރުގެ ޖަނަވަރީ 15ވަނަ ދުވަހު އަލްއުސްތާޛު އިބްރާހީމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަސް ހަނދާނަށް ގެނައުމުގެ ގޮތުންނެވެ. އެ މަނިކުފާނަކީ ވާހަކަދެއްކުންތެރިކަމުގެ އިތުރަށް ދިވެހި ޅެންވެރިކަމަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. 

     މި ދުވަހުގެ މައިގަނޑު މަގުސަދަކީ ދިވެހިޅެންވެރީންގެ ޚިދުމަތުގެ އަގުވަޒަންކުރުމާއި ދިވެހިޅެންވެރިކަމަށް ދިވެހިން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކޮށް ދިރުވުމެވެ. މި މަގުސަދު ހާސިލުކުރުމަށް ޓަކައި މާލޭގައި ނުވަތަ އަތޮޅެއްގައި ވަރަށް ކުލަގަދަކޮށް މި ދުވަސް ފާހަގަކުރެވެމުންދެއެވެ. އެ ގޮތުން އެންމެ ފުރަތަމަ ރާއްޖޭގެ އަތޮޅެއްގައި ޅެންވެރީންގެ ދުވަސް ފާހަގަކުރެވުނީ 2002ވަނަ އަހަރު ޅ. އަތޮޅު ނައިފަރުގައެވެ.