Skip to content Skip to footer

ދިވެހިބަހުގެ އެކެޑަމީން ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ދިވެހިބަހަށް އަހުލުވެރިކުރުމުގެ  ކޯސް ނިންމައިލައިފި 

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް މި ފަހަރު ކުރިއަށްގެންދިޔައީ ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށެވެ. 

ނޮވެންބަރު 9ން 12އަށް ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން މި ކޯސް ކުރިއަށްގެންދިޔައީ 10ގަޑިއިރަށެވެ.  

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ. 

މި  ކޯހުގެ ކުލާސްތައް ނަންގަވައިދެއްވީ މި އެކެޑަމީގެ ބަހުގެ ބައިގެ ޑިރެކްޓަރ އަލްފާޟިލާ ޝަހުމާ ޢަލީއާއި ދިވެހިބަހުގެ އެކެޑަމީގެ ލިންގްއިސްޓިކް ރިސަރޗް އޮފިސަރ އަލްފާޟިލާ އައިޝަތު ޒިދްނާއާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ މުދައްރިސް އަލްފާޟިލާ ދީނާ ނިޒާރާއި ދަރުމަވަންތަ ސްކޫލުގެ ލީޑިންގ ޓީޗަރ އަލްފާޟިލް އަމްޖަދު ރަޝާދެވެ. 

ދިވެހިބަހުގެ އެކެޑަމީން އިސްނަގައިގެން ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ޓަކައި ކުރު މުއްދަތުގެ ގިނަ ކޯސްތަކެއް ކުރިއަށްގެންދެއެވެ. އެކެޑަމީގެ އަމާޒަކީ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކަށް ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދީ ބަހަށް އަހުލުވެރިކުރުމާ އެކު ލިޔެކިޔުންތައް ކުށެއް ނެތް ސާފު ދިވެހި ބަހުން ލިޔުމަށް ބާރުއެޅުމެެވެ.