Skip to content Skip to footer

2026ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީގެ ކަލަންޑަރުގައި ހިމަނައިފައިވާ ގައުމީ މުބާރާތްތަކުގެ ތެރެއިން މަޒުމޫނު ލިޔުމާއި، ކުރުވާހަކަ ލިޔުމާއި އަދި ޅެންހެދުމުގެ ގައުމީ މުބާރާތް 2881 ބައިވެރިންނާ އެކު ބާއްވައިފި

2026ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ބާއްވާ މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޒު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 41ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިން މޫސާ މާފަތްކަލޭފާނުގެ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 38ވަނަ ގައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 29ވަނަ ގައުމީ މުބާރާތް 2026 ޖޫން 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައި މުޅި ރާއްޖޭގައި ބާއްވައިފިއެވެ.

ޖޫން މަހުގެ 20ވަނަ ދުވަހު މި މުބާރާތް ކުރިއަށްދިޔައީ 3 ދަންފަޅިއަށް ބަހައިލައިގެން، ރާއްޖޭގެ ހުރިހައި ސަރަހަށްދެއްގައި ވެސް އެއް ވަގުތެއްގައެވެ. މި މުބާރާތުގައި ރާއްޖޭގެ ހުރިހައި އަތޮޅަކުން ބައިވެރިވެފައިވެއެވެ. އެ ގޮތުން މި މުބާރާތުގައި ޖުމުލަ 105 އިސްކޫލަކުން ވާދަކުރިއެވެ. އެއީ މާލޭ ސަރަހައްދުން 23 އިސްކޫލަކާއި، ރާއްޖޭގެ އެހެން ސަރަހައްދުތަކުން 82 އިސްކޫލެކެވެ.

މި މުބާރާތުގައި  ބައިވެރިވި އަތޮޅުތަކުގެ ދަރިވަރުން މުބާރާތުގައި ލިޔުނީ އެ ދަރިވަރަކު ބައިވެރި ރަށެއްގައި ތިބެގެން، ކަނޑައެޅޭ މަރުކަޒެއްގައެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ލިޔުނީ ތާޖުއްދީން ސްކޫލުގައެވެ. 

މީގެ އިތުރުން އަމިއްލަ ގޮތުން މި މުބާރާތްތަކުގައި ބައިވެރިވި ފަރާތްތަކުން މުބާރާތުގައި ލިޔުނީ އެ ބޭފުޅަކު ރަޖިސްޓަރީވުމަށް ފޯމުގައި ނޯޓުކުރެވިފައިވާ، މިހާރު ދިރިއުޅޭ ރަށެއްގައި، އެކެޑަމީން މުބާރާތް ކުރިއަށްގެންދިޔުމަށް ކަނޑައަޅައިފައިވާ ތަނެއްގައެވެ. 

މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދިޔައީ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އެހީތެރިކަމާ އެކުގައެވެ. އެ ގޮތުން މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ، ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން، 1185 ބައިވެރިންނެވެ. އަދި ވާހަކަ ލިޔުމުގެ މުބާރާތުގައި 1131 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 565 ފަރާތަކުން ބައިވެރިވެފައި ވެއެވެ.

މި އަހަރު ބާއްވާ މަޒުމޫނު ލިޔުމުގެ 41ވަނަ ގައުމީ މުބާރާތާއި ޅެންހެދުމުގެ 29ވަނަ ގައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ 38ވަނަ ގައުމީ މުބާރާތަށް މި ވަނީ ބަދަލުތަކެއް ގެނެވިފައިވެއެވެ. އެ ގޮތުން މަޒުމޫނު ލިޔުމާއި އަދި ޅެންހެދުމުގެ މުބާރާތުގެ ދާއިރާ ގުރުއަތުލުން މި އަހަރު ކުރިއަށްދިޔައީ ވެބް ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލަށް ވަނުމަށް ކޮންމެ މަރުކަޒަކަށް ވަކި ޔޫސަރ ނޭމަކާއި ފާސްބަހެއް ހިއްސާކުރެވުނެވެ. މަޒުމޫނު އަދި ޅެން މުބާރާތުގެ ދާއިރާގެ ގުރުއަތުނެގުމަށް ފަހު، އެ ބައިވެރިޔަކު ބޭނުން މައުލޫއެއް ޚިޔާރުކުރަން ފުރުސަތު ދެވިފަވެއެވެ.

މީގެ އިތުރުން ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކުގެ ބައިގެ 18އަހަރުން މަތީގެ އުމުރުފުރާގެ ބައިވެރީން ވާހަކަ ލިޔުމަށް ޓަކައި މި އަހަރު ހަމަޖެހުނީ ދާއިރާއަކަށެވެ. އެ ގޮތުން ލިޔާނެ ދާއިރާ ގުރުއަތުނަގާފައިވަނީ ވެބް ޕޯޓަލް މެދުވެރިކޮށެވެ. ގުރުއަތުނެގުމަށް ފަހު އެ ދާއިރާއިން އަމިއްލަ މައުލޫއަކަށް ވާހަކަ ލިޔުމުގެ އިޚުތިޔާރު ދެވިފަވެއެވެ. 18އަހަރުން މަތީގެ އުމުރުފުރާގެ ބައިވެރީންގެ ދާއިރާ ގުރުއަތުނެގި ނަމަވެސް ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އެހެން އުމުރުފުރާތަކުގެ ބައިވެރިންގެ ގުރުއަތެއް ނުނަގައެވެ. އެ ބައިވެރިން ވާހަކަ ލިޔުނީ ދިވެހިބަހުގެ އެކެޑަމީން ދީފައިވާ ނަންތަކުގެ ތެރެއިން ނަމަކަށް ނުވަތަ ހާދިސާއަކަށް ނުވަތަ ހާލަތަކަށެވެ.

އެއް ވަގުތެއްގައި މުޅި ރާއްޖޭގައި ކުރިއަށްދިޔަ މި މުބާރާތް 90 މަރުކަޒެއްގައި ކުރިއަށްގެންދެވުނެވެ.  އަދި މުބާރާތް ހިނގަމުންދިޔަ ގޮތް، ދިވެހިބަހުގެ އެކެޑަމީން ދާދިވަރުކޮށް ބަލަމުންގެންދެވިފައިވެއެވެ.