Skip to content Skip to footer

ދެ އިދާރާއަކާ ގުޅިގެން ކުރިއަށް ގެންދިޔަ ދިވެހިބަހުގެ ކޯސް ކާމިޔާބުކަމާ އެކު ނިންމައިލައިފި

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް ތަފާތު ދެ އިދާރާއަކާ އެކު ގުޅިގެން ކުރިއަށްގެންގޮސް ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ. އެގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މުވައްޒަފުންނަށް ބޭއްވި ކޯސް ކުރިއަށް ގެންދިޔައީ މިހިނގާ ޖުލައިމަހުގެ 13އިން 17އަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައެވެ.

10 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ކޯހުން ޖުމްލަ 21 ބައިވެރީން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ. މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރާ އަލްފާޟިލާ ޢަޒީޒާ ޢަފީފާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރާ އަލްފާޟިލް އަބްދުﷲ ޖަމީލެވެ.

މި މަހުގެ ތެރޭގައި އިތުރަށް ކުރިއަށް ގެންދިޔައީ ގ.ދ ހޯނޑެއްދޫ ކައުންސިލް އިދާރާ އާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށްގެންދިޔަ ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުމުގެ ކުރުމުއްދަތުގެ ކޯހެކެވެ. މި ކޯހުގައި ގދ. ހޯނޑެއްދޫ ކައުންސިލާއި އެ ރަށުގައި ހުންނަ ދައުލަތުގެ އިދާރާތަކުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ކޯސް ކުރިއަށް ގެންދިޔައީ ޖުލައި 17އިން 19އަށް ގދ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާގައެވެ. 10 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ކޯހުން ޖުމްލަ 25 ބައިވެރީން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ. މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސް އަލްފާޟިލާ ޒުލްފާ އިބުރާހީމެވެ.